Wednesday, September 5, 2018


ގޯތިތެރޭގައި ބަގީޗާހެއްދުމުގެ މުހިއްމުކަމާއި ބަގީޗާހެއްދުމުގައި އަންހެނުންގެ ދައުރު

ދިވެހިރާއްޖޭގެ ރަށްތަކަކީ ބިން ކުޑަ ރަށްތަކަކަށްވިޔަސް ރާއްޖޭގެ އެކިއެކި ރަށްރަށުގައި ގަސްގަހާގެހީގެ ބާވަތްތައް މަދެއްނޫނެވެ. މީގެ ތެރޭގައި ޖަންގަލިތަކުގައި ހެދޭ އެކިއެކި ބާވަތްތަކުގެ ގަސްތަކާއި، ޗަސްބިންތަކުގައި ހެދޭ ގަސްތަކާއި، ހޭޅިފަށުގައި ހެދޭ ގަސްތަކާއި އަދި ގޯތިތެރޭގައި މީހުން ހައްދާ ގަސްތައް ހިމެނެއެވެ. ދިވެހިރާއްޖެ އުމްރާނީގޮތުން ތަރައްޤީވަމުން އަންނައިރު އުމްރާނީ ބޭނުންތަކަށްޓަކައި ބޮޑެތި ޖަންގަލިތަކާއި އަދި ޗަސްބިންތައް ދަނީ ޤުރުބާންކުރަމުންނެވެ. އެހެންކަމުން ގޯތިތެރޭގައި ބަގީޗާހެއްދުމަކީ ގުދުރަތީ މުއްސަދިކަން އިތުރުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެކެވެ. ގޯތިތެރޭގައި ބަގީޗާހެއްދުމާއި އަދި ގަސްތައް ބެލެހެއްޓުމުގައި އަންހެނުންގެ ދައުރު ދަސްކޮށް އަދި އަންހެނުން މިކަމުގައި ގެންގުޅޭ ޒަމާންވީ އިހުގެ ދަނޑުވެރިކަމުގެ އުސޫލުތައް ދަސްކުރުމަކީ ބަގީޗާހެއްދުމުގެ މަސައްކަތް  ތަރައްޤީކޮށް ދެމެހެއްޓެނިވިގޮތެއްގައި މިކަން ކުރުމަށް އެޅޭ ފިޔަވަޅެކެވެ. 

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ގޯތިތެރޭގައި ހައްދާ ބަގީޗާ ގަސްތަކުން އެކިއެކި ބޭނުންތައް ފުއްދައެވެ. މީގެ ތެރޭގައި ދަރާއި، ޖަނަވާރުގެ ހުޔާއި، ކާނާއާއި، ލަކުޑިއާއި، ބޭހުގެ ބާވަތްތަކާއި، އަދި މޭވާގެ ބާވަތްތައް ހިމެނެއެވެ. އެކިއެކި ދިރާސާތައް ހައްދަވާ ބޭފުޅުން ގޯތިތެރޭގައި ބަގީޗާހެއްދުމުގެ މުހިއްމުކަން މީހުންނަށް އަންގާދީފައިވިޔަސް ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކުން މިކަމަކީ މުހިއްމުކަން ކުޑަ ހަރަކާތެއް ގޮތުގައި ދެކެއެވެ.  މިސާލަކަށް: އިގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އިންޑިޔާއޮތްއިރު، 1894 ގައި އެކުލަވާލެވުނު ޖަންގަލިތަކާއި ބެހޭ ޕޮލިސީގައި ގޯތިތެރޭގައި ހައްދާ ބަގީޗާތައް ބަލަހާއްޓާނެ ގޮތްތައް ހިމަނާފައިނުވެއެވެ. ނަމަވެސް، ފަހުގެ ތާރީޚުތަކުގައި އެކުލަވާލެވުނު މިފަދަ ބައެއް ޕޮލިސީތަކުގައި ގޯތިތެރޭގައި ބަގީޗާހެއްދުމަށް ހިތްވަރުދީފައިވުމާއި އަދި ބަގީޗާހެއްދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ފާހަގަކޮށްފައިވެއެވެ.

ގޯތިތެރޭގައި ގަސްހެއްދުމަކީ ވަރަށް ބައިވަރު ތިމާވެއްޓާއި ގުޅޭ އެކިއެކި ޗެލެންޖްތަކަށް އޮތް ޙައްލެކެވެ. މީގެ ތެރޭގައި، ޖަންގަލިތައް ވީރާނާވެ ނެތިގެންދިޔުން ހުއްޓުމާއި، ރަށްފުށުގެ ރައްޔިތުން ހަކަތައަށްޖެހުމުން މިންޖުވުމާއި، ބިމުގެ ދަތިކަންބޮޑު ސަރަޙައްދުތަކުގައި ބިމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމާއި، ރައްޔިތުން ރަނގަޅު ކާނާ ލިބޭނެ ގޮތެއްވުމާއި، އަދި ތިމާވެށީގެ ގޮތުންނާއި ގުދުރަތީ ރީތިކަމުގެ ގޮތުން ލިބޭ މުއްސަދިކަން ހިމެނެއެވެ. ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގައި ގޯތިތެރޭގައި ގަސްއިންދައިގެން ވަރަށް ގިނަ ބޭނުންތައް ފުއްދައެވެ. މީގެ ތެރޭގައި މޭވާއާއި ތަރުކާރީ ފަދަ ކާބޯތަކެތި ގޯތިތެރޭގައި އިންދާ ގަސްތަކުން ލިބުމާއި، މާމެލާމެލީގެ ސަބަބުން އުޅޭ މާހައުލު ރީތިވުމާއި އަދި ހޫނުގަދަ ދުވަސްދުވަހު ގަސްތަކުން ލިބިދޭ ހިޔާ ހިމެނެއެވެ. ތިމާވެށިގެ ގޮތުން ލިބޭ މަންފާތަކުގެ އިތުރުން ގޯތިތެރޭގައި ހައްދާ ބަގީޗާގަސްތަކުން ޢާންމު ރައްޔިތުންނަށް އާމްދަނީ ލިބޭ މިންވަރު އިތުރުވެއެވެ. އެހެންކަމުން ގޯތިތެރޭގައި ބަގީޗާގަސް ހެއްދުން ތަރައްޤީކުރުމާއި އަދި މިކަމަށް ހިތްވަރުދިނުމަކީ ގުދުރަތީ ވަޞީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި ބެހޭ ޕޮލިސީއެއްގައި ކޮންމެހެން ހިމަނަންޖެހޭ ކަމެކެވެ.

 ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ގޯތިތެރޭގައި ގަސްހެއްދުމުގައި އަންހެނުންގެ ދައުރު ވަރަށްވެސް ފުޅަލެވެ. ގަސްހައްދަން ވަޅުކޮނުމާއި ގަސްއިންދުމުގައި ފިރިހެނުންގެ ދައުރު ބޮޑުއިރު ގަސްތަކަށް ފެންދިނުމާއި، ގަސްކާނާ ދިނުމާއި، ވާގަސްތައް ކޮށުމާއި އަދި ފެންސްޖެހުމުގައި އަންހެނުންގެ ދައުރު ބޮޑެވެ. އަދި ހައްދާނެ ގަސްތައް ކަނޑައެޅުމާއި، ގަސް ހައްދާނެ ބިމެއް ހޯދުމަކީވެސް އަންހެނުން ކުރާ ކަމެކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ގަސްހައްދަން ވަޅުކޮނުމާއި ފެންސް ޖެހުން ފަދަ މަސައްކަތް ފިރިހެނުން ކުރާއިރު ގަސްކާނާ ދިނުމާއި އަދި ގަސްތަކަށް ފެންދިނުމުގައި އަންހެނުންގެ ދައުރު ބޮޑެވެ.  ގަސް އިންދަން ބޭނުންކުރާނެ އޮށްތައް ކަނޑައެޅުމާއި، އޮށްތައް ރައްކާކުރާނެ ގޮތްތައް ކަނޑައެޅުމާއި އަދި ފަނިފަކުސާއާއި ސޫފާސޫފި ކޮންޓްރޯލްކުރާނެ ގޮތްތައް ކަނޑައެޅުމަކީވެސް ވަރަށް ގިނަ ޤައުމުތަކުގައި އަންހެނުން ކުރާ މަސައްކަތެކެވެ. ގަސްތަކަށް ހިޔާދޭނެ ގޮތްތައް (މިސާލަކަށް: ފަތްކޭލުގެ ފަތްތައް ނުވަތަ ދިވެހި ރުކުގެ ފަތްތައް ބޭނުންކޮށްގެން) ހޯދުމަކީވެސް އަންހެނުންކުރާ ކަމެކެވެ. ބައެއް ޙާލަތުގައި ގަސްތައްވަށައިގެން ހިޔާދޭނެގޮތަކަށް ފަތްޖެހުމަކީ ފިރިހެނުން ކުރާކަމަކަށްވިޔަސް މިހެން ޖަހާފައި ހުންނަ ފަތްތަކުގެ ތެރޭގައި ގަސްތައް ބަލަހައްޓަނީ އަންހެނުންނެވެ. ފަނިފަކުސާ އަދި ސޫފާސޫފި މަރާނެ ގޮތްތަކެއް ހޯދުމަކީވެސް (މިސާލަކަށް: އިހުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އަޅީގެ ބޭނުން ހިފައިގެން) އަންހެނުންގެ ޒިންމާއެކެވެ. ދިވެހިރާއްޖޭގައި، އޮށްތައް ރައްކާކުރަން އޮށްތައް ހިއްކުމަށްފަހު، އިރުގެ އަލިން ރައްކާތެރިވާނެ ގޮތަކަށް، ކުޑަ ކަރުދާސްކޮޅެއްގައި ނުވަތަ މަތިޖެހި އެއްޗެއްގައި ބަންދުކުރެއެވެ. މިކަން ކުރަނީ ބައެއް ޙާލަތުގައި ފިރިހެނުން ކަމަށްވިޔަސް ވަރަށް ގިނަ ރަށްތަކުގައި މިކަމުގައި އަންހެނުންގެ ދައުރު ބޮޑެވެ. ދަރު އަންދާއިރު އެއިން އުފެދޭ އަޅީގެ ތެރެއިން ފުށެއްހެން ހުންނަ އަޅި ގަސްގަހަށްޖެހޭ ބަލިތަކުގެ އަސްލަށްވާ ސޫފާސޫފި މަރަން ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އިހު ދުވަސްވަރުއްސުރެ ކުރާ ކަމެކެވެ. މިކަމަކީ އެއްވެސް ކަހަލަ ކެމިކަލްއަކާއި ނުލާ އޯރގަނިކްކޮށް ފަނިފަކުސާ އާއި ސޫފާސޫފި މަރަން އެންމެ ރަނގަޅު ގޮތެކެވެ. އަޅި އަކީ ފަސްގަނޑުގެ ޕީ.އެޗް ލައިމް ސްޓޯން ފަދައިން މަތިކުރާ އެއްޗެކެވެ. އަދި ފެނުގައި ފަސޭހައިން ގިރިގެންދާ އެއްޗަކަށްވާއިރު ލައިމް ސްޓޯންއަށްވުރެ ފަސޭހައިން ސޮއިލް (ފަސްގަނޑު)ގެ ޕީ.އެޗް މަތިކުރެއެވެ. ގަސްއިންދަން އެންމެ ރަނގަޅީ ފަސްގަނޑުގެ ޕީ.އެޗް ނިޔުޓްރަލްވުމާއި ގާތްކޮށް ހުރުން ކަމަށްވާއިރު އަޅި ބޭނުންކުރާއިރު ވަކިވަރަކަށް ބޭނުންކުރެއެވެ.

ގޯތިތެރޭގައި ބަގީޗާހެއްދުމުގެ މުހިއްމުކަމާއި ބަގީޗާހެއްދުމުގައި އަންހެނުންގެ ދައުރު ދިވެހިރާއްޖޭގެ ރަށްތަކަކީ ބިން ކުޑަ ރަށްތަކަކަށްވި...