Friday, June 15, 2018

ތިމާވެއްޓާއި ގުޅޭ ނުރައްކާތައް




އެންވާރަމެންޓަލް ރިސްކްސް ނުވަތަ ތިމާވެއްޓާއި ގުޅޭ ނުރައްކާތަކަކީ ވައި، ފެން، ފަސްގަނޑު އަދި ބަޔޮލޮޖިކަލް ފުޑް ޗެއިންސް ތަކުގެ ތެރެއިން އުފެދި ނުވަތަ މިޒަރީޢާތަކުން އިންސާނުންނާއި ހަމަޔަށް ވާސިލުވާ ނުރައްކާތަކެވެ. މިފަދަ ނުރައްކާތައް އުފެދޭ ސަބަބުތަކާއި ނުރައްކާތަކުގެ އެކިއެކި ސިފަތައް ވަރަށް ބޮޑަށް ތަފާތުވެގެންދެއެވެ. މީގެ ތެރެއިން ބައެއް ނުރައްކާތަކަކީ ސީދާ އިންސާނުންގެ ސަބަބުން އުފެދޭ ނުރައްކާތަކެވެ. މިސާލަކަށް: އައު ޓެކްނޮލޮޖީއެއް، އުފެއްދުމެއް ނުވަތަ ކެމިކަލެއް ވުޖޫދަށް އައުމާއި ގުޅިގެން އުފެދޭ ނުރައްކާތައް ހިމެނެއެވެ. އިންސާނުންގެ އެކިއެކި ހަރަކާތްތަކުގެ ސަބަބުން އުފެދޭ ނުރައްކާތަކުގެ އިތުރުން ގުދުރަތީ އެކިއެކި ސަބަބުތަކާއި ގުޅޭ ނުރައްކާތައް ހިމެނެއެވެ. މިފަދަ ގުދުރަތީ ނުރައްކާތައް އިންސާނުން އެކިއެކި ހަރަކާތްތަކާއި ދިރިއުޅުމާއި ގުޅެއެވެ. ބައެއް ނުރައްކާތަކަކީ ވިސްނުންތެރިކަމާއެކު ކުރިން ލަފާކޮށްލަން ފަސޭހަ ނުރައްކާތަކެވެ. މިސާލަކަށް: ވާދީއެއްގައި ފެންބޮޑުވުން ނުވަތަ ސިނާޢީ މަސައްކަތްކުރާ ކާރުޚާނާއެއްގެ ސަބަބުން ތިމާވެށި ނުސާފުވުން ނުވަތަ ތަޣައްޔަރުވުން ހިމެނެއެވެ. އަނެއްބައި ނުރައްކާތަކަކީ ޓެކްނޮލޮޖީއެއް ނުވަތަ ހަރަކާތެއް އުފެދުމުގެ ކުރިން އޭގެ އަސަރުތައް ކުރިން އަންދާޒާކޮށްލަން އުނދަގޫ ނުރައްކާތަކެވެ. މިސާލަކަށް: ފްލޮރޯކާރބަން ސްޕްރޭތަކުން ނުވަތަ ނައިޓްރޮޖަން އެކުލެވިގެންވާ ގަސްކާނާތަކުން ދުނިޔޭގެ އޯޒޯން ލޭޔަރ އަށް ކޮށްފާނެ އަސަރުތައް ހިމެނެއެވެ.

ވަރަށް ގިނަ ތިމާވެއްޓާއި ގުޅޭ ނުރައްކާތަކަކީ ސިނާޢަތާއި ތަމައްދުނުގެ ފިޔަވަޅުމަތިން އާންމުންގެ ސަމާލުކަން ލިބިފައިވާ ނުރައްކާތަކެވެ. އެހެންގޮތަކަށް ދަންނަވާނަމަ އިޤްތިޞާދީ ތަރައްޤީގެ ސަބަބުން އުފެދޭ ނުރައްކާތަކެވެ. މިފަދަ ނުރައްކާތައް ތަމައްދުނުގެ ކުލަ ވަރަށް ބޮޑަށް ޖެހިފައިވާ ޤައުމުތަކާއި ނުވަތަ މިފަދަ ޤައުމުތަކުގެ ވަކި ސަރަޙައްދުތަކާއި ގުޅުވުމަކީ ހައިރާންވާންޖެހޭ ސަބަބެއްނޫނެވެ. ވައި ނުސާފުވުމާއި ފުޑް ޗެއިންތަކުގައި ވިހަ މައުދަންތައް ހިމެނުމުގެ ސަބަބުން އުފެދޭ ނުރައްކާތައް ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ބޮޑު މައްސަލައަކަށްވާއިރު ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސިނާޢަތާއި ތަމައްދުނާއި ގުޅޭ މަރުކަޒުތަކުގައި މިމައްސަލަ ހަލުވިކަމާއެކު ދަނީ ފެންމަތިވަމުންނެވެ. މިސާލަކަށް: ދިވެހި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވިޔަސް ރާއްޖޭގެ ވެރިރަށް މާލެ ސިޓީގައި ވައި ނުސާފުވުމަކީ އިންސާނުންގެ ސިއްޙަތަށް ނުރައްކަލަކަށް ވެދާނެކަމުގެ އިންޒާރުދަނީ ލިބެމުންނެވެ. އަނެއްބައި ނުރައްކާތަކަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ނުރައްކާތަކެވެ. މީގެ ތެރޭގައި ރަނގަޅު ކާނާ ނުލިބުމާއި، ރަނގަޅު ފެންވަރެއްގެ ގެދޮރު ނެތުމާއި، އަދި ނަރުދަމާގެ ނިޒާމެއްނެތުމުގެ ސަބަބުން އުފެދޭ ނުރައްކާތައް ހިމެނެއެވެ. މިފަދަ ނުރައްކާތައްވެސް މުއްސަދި ޤައުމުތަކުގައި އެއްވެސްވަރަކަށްނެތުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އަދި ބައެއް ނުރައްކާތަކަކީ ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް ކަންބޮޑުވާންޖެހޭ މައްސަލަތަކެކެވެ. އެކަމަކު މިފަދަ ނުރައްކާތައް އުފެދޭ ސަބަބުތައް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަފާތެވެ. މިސާލަކަށް: ފެން ނުސާފުވުމުގެ މައްސަލައަކީ ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިނާޢީ މަސައްކަތަކުން އުފެދޭ ވިހަ ކުނި ނުވަތަ ނަޖިސް ކޯރަކަށް ނުވަތަ ކަނޑަށް އެޅުމުގެ ސަބަބުން އުފެދޭ މައްސަލައަކަށްވުން އެކަށީގެންވާއިރު ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބެކްޓީރިޔާ ޖަރާސީމެއްގެ ސަބަބުން އުފެދޭ ތަޢައްޔަރުވުމަކަށްވެދާނެއެވެ.

މިފަދަ ނުރައްކާތައް އުފެދޭ ޢަދަދާއި އަދި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުން އެކަށީގެންވާ މިންވަރެއްގެ މަޢުލޫމާތު އެއްކުރެވިފައިނެތެވެ. ވީމާ، މި ނުރައްކާތަކުގެ ބޮޑުމިން އެކަތި އަނެކައްޗާ އަޅާކިޔުމުގެ މިންގަނޑަކުން ވަޒަންކުރުމާއި (ރިލޭޓިވް މެގްނިޓިޔުޑްސް) އަދި ނުރައްކަލުގެ މިންވަރު (ސިވިއާރިޓީ) އަންދާޒާކުރުމަކީ ވާނެ ކަމެއްނޫނެވެ. އަދި މިފަދަ މަޢުލޫމާތުތަކެއް އެއްކުރެވިފައިވިޔަސް ބޮޑަށް އިސްކަންދޭންޖެހޭ ނުރައްކާތައް ބައިނަލް އަޤްވާމީ މިންގަނޑަކުން ސިފަކޮށެއް ނުދެވޭނެއެވެ. އެއީ، މިފަދަ ނުރައްކާތަކުގެ އަސްލާއި އަދި މި އަސްލުތަކުން ލިބޭ ބައެއް މަންފާތަކުގެ ސަބަބުން އެކިއެކި ޤައުމުތަކުގައި މިފަދަ ނުރައްކާތައް ވަޒަންކުރާގޮތުގެ ތަފާތުތަކެއްވެއެވެ.

ނުރައްކާތަކުގެ ބޮޑުމިން ވަޒަންކުރަން ގެންގުޅޭ އެއް ގޮތަކީ ނުރައްކަލުގެ މުއްދަތު އަންދާޒާކޮށްލުމެވެ. ބައެއް ޤައުމުތަކުގައި ލަފާކުރާ ނުރައްކަލުގެ މުއްދަތު އަނެއްބައި ޤައުމުތަކަށްވުރެ ކުރުވުމުގެ ސަބަބުން މިފަދަ ޤައުމުތަކުގެ އެންމެ މުހިއްމު ނުރައްކާތަކަށް ބައިނަލް އަޤްވާމީ ގޮތުން އިސްކަމެއްދޭންޖެހެއެވެ.

މުހިއްމު ނުރައްކާތައް (ރިސްކްތައް) ފާހަގަކުރެވިގެންދާނެ އެއްގޮތަކީ ބައިނަލް އަޤްވާމީ މޮނިޓަރ ކުރުމުގެ ހަރަކާތްތަކެއްގެ ލިސްޓެކެވެ. މިގޮތަށް ފާހަގަކުރެވޭ ނުރައްކާތަކުގެ ވައްތަރުތައް އެންމެ މުހިއްމު ޕޮލިޔުޓެންޓް (ތިމާވެށި ތަޣައްޔަރުކުރާ މާއްދާތައް) ތަކާއި އަޅާކިޔައެވެ. މިފަދަ ޕޮލިޔުޓެންޓްތައް ފާހަގަކުރަނީ ދުނިޔޭގެ މަޝްހޫރު ސައިންޓިސްޓުން އެކިއެކި މާއްދާތަކުން އަދި ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަލާ މިންގަޑުތަކުން (އެންވާރަމެންޓަލް ސްޓްރެސް އިންޑިކޭޓަރސް) އެންމެ މުހިއްމު މާއްދާތަކުގެ އަދި އެންމެ މުހިއްމު އެންވާރަމެންޓަލް ސްޓްރެސް އިންޑިކޭޓަރ ތަކުގެ ލިސްޓެއް އެކުލަވާލައިގެންނެވެ.

ތިމާވެއްޓަށް އަސަރުކުރާ ނުރައްކާތައް ފާހަގަކުރާ އަނެއް ގޮތަކީ އެކިއެކި ޤައުމުތަކުގެ ސަރުކާރުތަކުން އެޤައުމުތަކުގެ ރައްޔިތުންނަށް އަސަރުކުރާނެ ތިމާވެއްޓާއި ގުޅޭ ނުރައްކާތައް ފާހަގަކުރުމެވެ. އިންޓަރނޭޝަނަލް ޔުނިޔަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި، ޔޫ، ސީ، އެން) އާއި ޔުނައިޓެޑް ނޭޝަންސް އެންވާރަމެންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ކުރިއަށްގެންދިޔަ ސާރވޭއެއްގައި ފަސްދޮޅަސް ތިން ޤައުމަކުން އެޤައުމުތަކުގެ ތިމާވެއްޓާއި ގުޅޭ މައްސަލަތައް ހިމެނެނީ ނުރައްކާތަކުގެ ކޮން ކެޓަގަރީއެއްގައިތޯ ބެލުނެވެ. މިގޮތުން އެއްކުރެވުނު މަޢުލޫމާތުތަކަކީ މިސާރވޭގައި ބައިވެރިވި އަދި ކުރިން ބަޔާންކުރެވުނު ފަދަ މައްސަލަތައް ފާހަގަކުރި ޤައުމުތަކުގެ ސަރުކާރުތަކުގެ ޢަދަދާއި ގުޅޭ އެހެންނަމަވެސް ޖުމްލަގޮތެއްގައި ނުރައްކަލުގެ ބޮޑުމިނާއި (އެނުރައްކާތައް ދިމާވާ ޙާލަތުތަކުން ނުވަތަ އިޤްތިޞާދީ އަދި އިޖުތިމާޢީގޮތުން ކުރާ އަސަރުތަކުން ފާހަގަކުރެވިގެން) ގުޅޭ ގޮތަކަށް ފާހަގަކޮށް އެއްކުރެވުނު މަޢުލޫމާތެއްނޫނެވެ. މިގޮތަށް ފާހަގަކުރެވުނު ތިމާވެއްޓާއި ގުޅޭ ނުރައްކާތަކުގެ ސަބަބުތަކުގެ ތެރޭގައި އެކިއެކި ޤައުމުތަކުގެ ސަރުކާރުން އެންމެ މުހިއްމު ކަމެއް ދީފައިވާ އެއްކަމަކީ ގުދުރަތީ ވަޞީލަތްތައް ނެތިގެން ހިނގައިދާނެކަމަށެވެ. މިސާލަކަށް: ޖަނަވާރުތައް ނެތިދިޔުމާއި، މަހުގެ އާބާދީތައް ނެތިދިޔުން، ފަސްގަނޑު ގިރުން، އަދި ޖަންގަލީތައް ނެތިދިޔުން ހިމެނެއެވެ. ދެން ފާހަގަކުރެވުނު އަނެއްކަމަކީ ދިރިއުޅޭ މާހައުލާއި ގުޅޭ ކަންކަމެވެ. މިސާލަކަށް: ކުނި ނުވަތަ ނަޖިސް ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތުން، އަދި އާންމުންނަށް ދޫކުރާ ފެނާއި ގުޅޭ ރަނގަޅު ނިޒާމެއް ނެތުމެވެ. މީގެ އިތުރުން ތަޣައްޔަރުވުމާއި (ޕޮލިޔުޝަން) ގުޅޭ ނުރައްކާތައް ފާހަގަކުރެވުނެވެ. މިސާލަކަށް: ވައި ނުސާފުވުމުގެ އިތުރަށް ތެލުން، އަދި ސިނާޢަތަކުން އަދި ވިހަކަންގަދަ ކުނި ނައްތާލުމުގެ ތެރޭގައި ފެން ތަޣައްޔަރުވުން ހިމެނެއެވެ.


 

ގޯތިތެރޭގައި ބަގީޗާހެއްދުމުގެ މުހިއްމުކަމާއި ބަގީޗާހެއްދުމުގައި އަންހެނުންގެ ދައުރު ދިވެހިރާއްޖޭގެ ރަށްތަކަކީ ބިން ކުޑަ ރަށްތަކަކަށްވި...